ބޭރު ދުނިޔެ

ތެޔޮ ބޭރުކުރާނެ އިތުރު މަގުތައް ހޯދުމަށް ޢިރާޤުން މަސައްކަތް ފަށައިފި

ތެޔޮ ބޭރުކުރާނެ އިތުރު މަގުތައް ހޯދުމަށް ޢިރާޤުން މަސައްކަތް ފަށައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރުމުޒް ކަނޑުއޮޅި ބަންދުވެ، ޢިރާޤަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ، އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވައިފިއެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ކަނޑުމަގުން ކުރާ ވިޔަފާރިއާއި ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުމަކަށް އައުމަކީ ޢިރާޤުގެ އިޤްތިޞާދަށް ކުރިމަތިވި ވަރަށް ބޮޑު ލޮޅުމެކެވެ. މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ހަނގުރާމަ ފެށުނު ފަހުން ތެލުގެ އާމްދަނީން ޢިރާޤަށް 60 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާއިރު، ޢަރަބި ގަލްފުގެ މަގުން އެ ޤައުމުން ބޭރުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ މިހާރު ވަނީ ހުއްޓިފައެވެ. ދައުލަތުގެ ބަޖެޓުގެ 90 އިންސައްތަ ތެލުގެ އާމްދަނީއަށް ބަރޯސާވާތީ، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައިވެސް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި މައްސަލައިގައި ވެރިރަށް ބަޣުދާދުގައި ރައްޔިތުން މުޒާހަރާ ކުރަން ފަށާފައިވާއިރު، މާލީ ދަތިކަން ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އާންމުންގެ ތާއީދެއް ނެތް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި، ތެޔޮ ބޭރުކުރާނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ޢިރާޤުން މިހާރު ވަނީ ފަށާފައެވެ. މިގޮތުން، ތުރުކީވިލާތާ ދެމެދު ޤާއިމުކޮށްފައިވާ ހޮޅިލައިން މެދުވެރިކޮށް ދުވާލަކު ގާތްގަނޑަކަށް 750،000 ފީފާގެ ތެޔޮ އެކްސްޕޯޓް ކުރުމަށްޓަކައި، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top