ދިވެހިންގެ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ބާލީ ހިމެނޭހެން، މުޅި އިންޑޮނޭޝިއާއަށް ތެލުގެ ބޮޑު ތަދެއް ކުރިމަތިވެއްޖެއެވެ.
ތެޔޮ ހޯދުމަށް ހަދާފައިވާ ކިއުތައް ދެ ކިލޯމީޓަރަށް ވުރެ ދިގަށް ދެމިގެން ގޮސްފައިވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވި ލަސްތަކާއި، ހާސްކަމުގެ ތެރޭގައި މީހުން ގިނަ އަދަދަކަށް ތެޔޮ ގަތުމުގެ ސަބަބުން ދެންޕަސާ، ކޫޓާ، ގިއާންޔާރު އަދި ތަބާނަން ފަދަ ސަރަހައްދުތަކުން ވަނީ ވަރަށް ބޮޑަށް ތެޔޮ ހުސްވެފައި ކަމަށް ޙަބަރުތަކުން ބުނެއެވެ.
އިންޑޮނޭޝިއާގެ ބާލީގައި ސަބްސިޑީ ދީފައިވާ ތެޔޮ ލިބުން ދަތިވުމާ ގުޅިގެން، އުޅަނދުތައް ދުއްވާ ފަރާތްތަކުން ގިނަ ވަގުތުތަކެއް ވަންދެން ކިއޫގައި މަޑުކުރަން ޖެހިއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ތެލުގެ ދަތިކަން ފުރަތަމަ ފާހަގަވިތާ ދެ ދުވަސް ފަހުން އަލުން ތެޔޮ ލިބެން ފަށާފައިވާއިރު، މީގެ ސަބަބުން ދަތުރުފަތުރު ކުރުމަށާއި މަސައްކަތްތަކަށް ސައިކަލަށް ބަރޯސާވާ އާންމުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.