ބޭރު ދުނިޔެ

ބުރުކީނާ ފާސޯގައި ފުރަތަމަ ފަހަރަށް ރަން ސާފުކުރާ ރިފައިނަރީއެއް ހުޅުވައިފި

ބުރުކީނާ ފާސޯގައި ފުރަތަމަ ފަހަރަށް ރަން ސާފުކުރާ ރިފައިނަރީއެއް ހުޅުވައިފި

އިޤްތިޞާދީ މިނިވަންކަން ކަށަވަރުކޮށް، ހުޅަނގުގެ ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ޤައުމުގެ ފުރަތަމަ ރަން ސާފުކުރާ ރިފައިނަރީ ރަސްމީކޮށް ހުޅުވައިފިއެވެ.

‘ ރަފިނޯ-ބީއެފް ‘ގެ ނަމުގައި ހުޅުވި މި ރިފައިނަރީގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ޤައުމުގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރައޮރޭ ވިދާޅުވީ، ދެން އެ ޤައުމުން ރަން ނެގުމަށްފަހު، އޭގެ ފެންވަރު ބަލައި އަގު ކަނޑައެޅުމާއި، ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ ޤައުމުގެ އެތެރޭގައި ކަމަށެވެ. މިއަދުން ފެށިގެން އެ ޤައުމުގެ ރަނަކީ ހަމައެކަނި ބިމުން ނަގާފައި ބޭރުކުރާ އެއްޗަކަށް ނުވާނެ ކަމަށާއި، ރަނުގެ ފެންވަރު ކަށަވަރުކޮށް ސެޓްފިކެޓް ދޫކުރާނީ ވެސް ބުރުކީނާ ފާސޯއިން އަމިއްލައަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2022 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރައޮރޭ ގެންދަވަނީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށް ދައުލަތުގެ ބާރުވެރިކަން އަލުން ޤާއިމުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެމަނިކުފާނު ސިފަކުރައްވާ ގޮތުގައި ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން މި ވަސީލަތްތަކުގެ ބޭނުން ހިފަންވާނީ ތިމާވެއްޓަށް ރައްކާތެރިވެ، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތު ރައްކާތެރިކުރެވޭ ފަދަ އިންސާފުވެރި އުޞޫލަކުން ކަމަށް ވިދާޅުވިއެވެ.

ހުޅަނގު އެފްރިކާގެ ސަރަޙައްދުގައި އެންމެ ގިނައިން ރަން އުފައްދާ އެއް ޤައުމަކީ ބުރުކީނާ ފާސޯއެވެ. ނަމަވެސް، ސަރަޙައްދީ ހަމަނުޖެހުންތަކާއި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ނުރައްކަލުގެ ސަބަބުން މި ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންނަމަވެސް، ސަރަޙައްދުގެ އެހެން ޤައުމުތައް ކަމަށްވާ ގީނީ، ގާނާ، މާލީ އަދި އައިވަރީ ކޯސްޓެކޭ އެއްފަދައިން ބުރުކީނާ ފާސޯއިން ވެސް މިހާރު ދަނީ ރޯ މެޓީރިއަލްގެ ގޮތުގައި ރަން ބޭރުކުރުން ހުއްޓުވައި، އަމިއްލަ ސިނާޢަތްތައް ވަރުގަދަކުރަމުންނެވެ.

ވެރިރަށް އޮގަދޫގޫގައި 19 މިލިއަން ޑޮލަރު (11 ބިލިއަން ސީ.އެފް.އޭ ފްރޭންކް) ގެ އިންވެސްޓްމަންޓަކާއެކު ބިނާކުރި މި ރިފައިނަރީއަކީ ސަރުކާރު ކުންފުންޏެއް ކަމަށްވާ “ސޮނާސްޕް” އާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން ހިންގާ މަޝްރޫޢެކެވެ. ފަސް ހެކްޓަރުގެ ބިމެއްގައި ޤާއިމުކޮށްފައިވާ މި ކާރުޚާނާއިން އަހަރަކު 164 ޓަނުގެ ރަން ސާފުކުރުމުގެ ޤާބިލުކަން ލިބިފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ޢަދަދު 515 ޓަނަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ބުރުކީނާ ފާސޯއިން ވަނީ 94 ޓަނުގެ ރަން އުފައްދާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top