ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރި ވިއްސާރައިގައި ބޮޑުވި ފެންގަނޑު މިއަދު ހިނދެން ފަށައިފިއެވެ. ނަމަވެސް، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 300 މިލިމީޓަރުގެ ބޯވާރޭ ވެހުމުގެ ސަބަބުން ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، ބައެއް ވެހިކަލްތައް އަޑިއަށް ގޮސްފައިވެއެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީއެމްއޭ) އިން އިއްޔެ ވަނީ އެ ސަރަހައްދަކީ ކާރިސާގެ ހާލަތު އިއުލާނުކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މަގުތަކުން ފެން ހިނދެމުން ދިޔަ ނަމަވެސް، ގިނަ ގެތަކަށް ފެންވަދެ، ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. އަދި ބައެއް އަވަށްތަކަށް ވަދެނިކުމެ އުޅުމަށް ދަތިވެ، ގިނަ ބަޔަކު އަދިވެސް ގޭގައި ތަށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބެންކޮކަކީ ތައުލީމާއި ސިއްހީ ފަރުވާގެ އިތުރުން ވިޔަފާރީގެ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުން އަދި ދަތުރުފަތުރު ކުރަމުން އަންނަ ސިޓީއެކެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ފެންބޮޑުވި ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި، އޭނާގެ ގޭގެ ތިރީ ފަންގިފިލާގައި އުނަގަނޑާ ހަމައަށް ފެންބޮޑުވެފައިވެއެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ކުއްލި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް 233 ވަގުތީ ހިޔާ ގާއިމުކޮށްފައިވާއިރު، މިހާތަނަށް 4،200 އަށް ވުރެ ގިނަ މީހުން މި ތަންތަނުން ހިދުމަތް ހޯދަމުންދާ ކަމަށް ބީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.