ބޭރު ދުނިޔެ

ރަޝިޔާ ސްކޫލްތަކުގައި އިސްލާމްދީން ކިޔަވައިދެނީ

ރަޝިޔާ ސްކޫލްތަކުގައި އިސްލާމްދީން ކިޔަވައިދެނީ

ރަޝިޔާގެ ސްކޫލް މަންހަޖުގައި ” އިސްލާމީ ސަގާފަތުގެ ބިންގާ “މި ނަމުގައި ހާއްސަ މާއްދާއެއް ހިމަނައި، ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތާއި އެކަލޭގެފާނުގެ އުނގަންނައިދެއްވުންތައް ކިޔަވައިދޭން ފަށައިފިއެވެ.
މި މަންހަޖުގެ ދަށުން ދަރިވަރުންނަށް ކީރިތި ގުރުއާނާއި ސުންނަތާއި، އިސްލާމީ އަގީދާއާއި އަޅުކަންތަކުގެ އިތުރުން، އިސްލާމީ އަހުލާގީ މިންގަނޑުތަކާއި އާދަކާދަތައް އުނގަންނައިދެވޭނެއެވެ. މީގެ އިތުރުން، އިސްލާމީ ތާރީހާއި، ދީނީ އަދި އަހުލާގީ މުއައްލިމެއްގެ ގޮތުން ކީރިތި ރަސޫލާ ﷺ ކުރެއްވި މަސައްކަތްޕުޅުތަކާއި އެކަލޭގެފާނުގެ ހަޔާތްޕުޅާ ގުޅޭ މައުލޫމާތުތައް ވެސް މި މާއްދާގައި ހިމެނެއެވެ.
” އިސްލާމީ ސަގާފަތުގެ ބިންގާ “މި ބަޔަކީ ރަޝިޔާގެ” ދީނީ ސަގާފަތްތަކާއި ސެކިއުލާ އަހުލާގުގެ ބިންގާ “ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ބައެކެވެ. މި ޕްރޮގްރާމަކީ ތަފާތު ދީންތަކާއި ސަގާފީ އާދަކާދަތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.
މީގެ އިތުރުން، 2026/27 ވަނަ ތައުލީމީ އަހަރުން ފެށިގެން” ރަޝިޔާގެ ރޫހާނީ އަދި އަހުލާގީ ސަގާފަތް “މި ނަމުގައި އާ މާއްދާއެއް ތައާރަފުކުރުމަށް ވެސް އެގައުމުން ވަނީ ނިންމާފައެވެ. މި މާއްދާގައި ރަޝިޔާގެ ރޫހާނީ އަދި އަހުލާގީ އަގުތަކާއި، ސަގާފަތާއި، ތާރީހުގެ އިތުރުން އެ ގައުމުގެ ގަދީމީ ދީންތަކާއި އަހުލާގީ ނަމޫނާތައް ކިޔަވައިދެވޭނެއެވެ.
ރަޝިޔާގެ ތައުލީމީ ނިޒާމުގެ ތެރެއިން ދީނީ އަދި ސަގާފީ އުނގަންނައިދިނުމަށް ދީފައިވާ މި ހާއްސަ އިސްކަމުގެ ސަބަބުން، ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top