ބޭރު ދުނިޔެ

ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ވަފުދުން އދ. ގެ މާލަން ދޫކޮށް ނުކުމެއްޖެ

ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ވަފުދުން އދ. ގެ މާލަން ދޫކޮށް ނުކުމެއްޖެ

އދ. ގެ ޢާންމު މަޖިލީހުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރުކުރަން ފެށުމުގެ ކުރިން، ދިވެހިރާއްޖެ ހިމެނޭހެން އދ. ގެ ގިނަ ޢަދަދެއްގެ މެންބަރު ޤައުމުތަކުގެ މަންދޫބުން ވަނީ އިހުތިޖާޖުކުރުމުގެ ގޮތުން މާލަން ދޫކޮށް ނުކުމެވަޑައިގެންފައެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، އެހެން ޤައުމުތަކާ ގުޅިގެން ރާއްޖޭން އެ ވަގުތު މާލަން ދޫކޮށް ނުކުތީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާ އެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރުމަށެވެ. އަދި އިންސާފު ޤާއިމުކުރުމަށާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް އިޒްރޭލުން ފުރިހަމައަށް އިޙްތިރާމްކޮށް ތަބާވާންޖެހޭނެކަން ހާމަކުރުމުގެ ގޮތުންނެވެ.

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި ނަތަންޔާހޫގެ ތަޤުރީރު ފެށުމާއެކު، ރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ފޮރިން މިނިސްޓަރު ޑރ. ޢިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވާހެން މުޅި ވަފުދު ވަނީ މާލަމުން ނުކުމެވަޑައިގެންފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ޕޯޑިއަމްއަށް އަރައިވަޑައިގަތުމާ އެކު، މާލަމުގައި ތިއްބެވި ގިނަ ޤައުމުތަކުގެ މަންދޫބުން ނުކުމެވަޑައިގަތުމާ ގުޅިގެން، އޭނާ ތަޤުރީރު ކުރިއަށް ގެންދިޔަ ވަގުތު މުޅި މާލަން އޮތީ ގާތްގަނޑަކަށް ހުސްކޮށެވެ.

ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖޭން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކޮށްދިނުމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top