މަޝްހޫރު ކާރު އުފައްދާ ކުންފުނި ބީއެމްޑަބްލިޔު އިން އަންނަ އަހަރު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ “ބީއެމްޑަބްލިޔު އައި7” މޮޑެލްގެ ކާރު، “މޯލްޑިވްސް ބްލޫ” ކުލައިގައި ދައްކާލައިފިއެވެ. މި ޚާއްޞަ ކުލައަކީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތި މޫދާއި ހިތްގައިމު ގޮނޑުދޮށްތަކުގެ ކުލަތަކުން އިންސްޕަޔަރވެގެން ފަރުމާކޮށްފައިވާ ކުލައެކެވެ.

“ބީއެމްޑަބްލިޔު ބްލޮގް” ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެ ކުންފުނީގެ “އިންޑިވިޖުއަލް ކަސްޓަމައިޒޭޝަން ޕްރޮގްރާމް” ގެ ދަށުން ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ. މި ކާރުގެ އެތެރެ ފަރުމާކޮށްފައިވަނީ ބޭރުގެ ނޫކުލައާ ވަރަށް ބޮޑަށް ގުޅޭ، “ސްމޯކް ވައިޓް” މެރީނޯ ލެދަރު ބޭނުންކޮށްގެންނެވެ. މީގެއިތުރުން، 22 އިންޗީގެ އެރޯޑައިނަމިކް ފުރޮޅުތަކާއި، ކަޅު ކުލައިގެ ޑިޒައިންތައް ހިމެނޭ “އެމް ސްޕޯޓް ޕްރޯ” ޕެކޭޖުގެ ފުރިހަމަކަން ވެސް މި ކާރުން ފެނިގެންދެއެވެ. ޖަރުމަނުވިލާތުގެ މާކެޓުގައި މި ޚާއްޞަ ކުލަ އިޚްތިޔާރު ކުރެވޭނީ އިތުރު 6،900 ޔޫރޯގެ ފީއެއް ދައްކައިގެންނެވެ.
ކާރުތަކާ ބެހޭ މަޖައްލާއެއް ކަމަށްވާ “ބިމަޓުޑޭ” އިން ސިފަކޮށްފައިވާ ގޮތުގައި، މި މަޑު ނޫކުލައިން ސިފަވެގެންދަނީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ގުދުރަތީ ރީތިކަމެވެ. މިއީ ސީދާ ރާއްޖޭގެ މާކެޓަށް ޚާއްޞަކޮށްގެން ނެރުނު ކާރެއް ނޫން ނަމަވެސް، ބީއެމްޑަބްލިޔު ގްރޫޕް މިޑްލް އީސްޓުން މީގެ ކުރިން ވެސް “7 ސީރީޒް” އަދި “އެކްސް7” ގެ މޮޑެލްތަކުގައި މި ކުލަ ބޭނުންކޮށްފައިވެއެވެ.