ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ސައޫދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މި މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޙަރަމްފުޅުގެ ޚާދިމް، ސައޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށާއި، ވަލީއަޙްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ އިތުރުން، އެ ޤައުމުގެ ޝާހީ ޢާއިލާއަށާއި އަޚުވަންތަ ރައްޔިތުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ސައޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމަކީ އިސްލާމީ ވަޙްދަތުގެ މައްޗަށް ބިނާވެފައިވާ، އެތައް ޤަރުނެއްވީ ތާރީޚީ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސައޫދީ ޢަރަބިއްޔާއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ވެރިންނަށާއި ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.