ބޭރު ދުނިޔެ

ޔަމަނުގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވާން ތައްޔާރުކަމަށް އީރާނުން ބުނެފި

ޔަމަނުގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވާން ތައްޔާރުކަމަށް އީރާނުން ބުނެފި

ޔަމަނުގައި ހިނގަމުންދާ ދިގުލީ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން އީރާނުން ރަސްމީކޮށް ހާމަކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، ޔަމަނާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އުފެދިފައިވާ އަސްކަރީ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށް އީރާނުން އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށެވެ. އަދި އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ މި ހަމަނުޖެހުންތަކަށް އަސްކަރީ ގޮތުން އެއްވެސް ޙައްލެއް ނެތްކަން މިހާރު ސާފުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޢިރާޤުގެ ވެރިރަށް ބަޣުދާދުގައި މިޞްރުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމެއްގައި އަރަޣްޗީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ދިޔުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި އިސްރާއީލުން ކަމަށެވެ. މީގެއިތުރުން، ފަލަސްޠީނުގެ ބިމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އިސްލާމީ އުންމަތުން ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ޔަމަނުގެ މަސްރަޙަށް ބަލާއިރު، އެޤައުމުގެ ހޫޘީ ހަނގުރާމަވެރިންނާއި، ސައުދީ އިސްވެ އޮންނަ ޔަމަނު ސަރުކާރުގެ އިއްތިޙާދާ ދެމެދު ދަނީ ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގަމުންނެވެ.
މިގޮތުން، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތައް މިނިވަންކޮށް ޔަމަނު ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ކޯލިޝަނުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާއިރު، މި ޙަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ހޫޘީ ހަނގުރާމަވެރިންވެސް ދަނީ ސައުދީގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top