ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވުމާ ގުޅިގެން، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށާއި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. މި ކަންބޮޑުވުންތައް އިތުރަށް ގޯސްވެފައިވަނީ، މި ހަފުތާގެ ކުރީކޮޅު ދިން ހަމަލާތަކެއްގައި ދެ އާގުބޯޓު ފެތިފައިވާ ދަނޑިވަޅެއްގައެވެ.
ރޮއިޓާސް ނޫސްއެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، އިސްތިރާތީޖީ ގޮތުން ނުހަނު މުހިންމު މި ސަރަޙައްދުން ދަތުރުކުރި ސިންގަޕޫރުގެ” ޖީއެފްއެސް ޕްރައިޑް” އަދި އެންޓިގުއާ އެންޑް ބާބިއުޑާގެ” ކޭޕް ދާއޯ “ނަމަކަށް ކިޔާ ދެ ކޮންޓޭނާ ބޯޓަށް އަމާޒުވި ހަމަލާތަކާ ގުޅިގެން އެ ދެ އުޅަނދު ވަނީ އަޑިއަށް ގޮސްފައެވެ.
މި ހާދިސާގައި” ޖީއެފްއެސް ޕްރައިޑް “ގެ 21 ފަޅުވެރިން އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްކުރެވުނު ނަމަވެސް،” ކޭޕް ދާއޯ “އަށް ދިން ހަމަލާގައި އެ ބޯޓުގެ ފަޅުވެރިއަކު ވަނީ މަރުވެފައެވެ. ބާކީ ތިބި ފަޅުވެރިން ރައްކާތެރިކަމާއެކު އެ ސަރަޙައްދުން ސަލާމަތްކޮށްފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ މަސްދަރުތަކުން ކަށަވަރުކޮށްދެއެވެ.
ޕާޝިއަން ގަލްފާއި އޮމާން ކަނޑު ގުޅުވައިދޭ މި ހަނި ކަނޑުއޮޅިއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭރުކުރާ ތެލާއި ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް ވިހި އިންސައްތަ ހިއްސާކުރާ، ހަކަތަ އުފުލުމުގައި އެންމެ މުހިންމު އެއް މަގެވެ. އެހެންކަމުން، މި ސަރަޙައްދުގެ ނާމާންކަން އިތުރުވުމަކީ ވިޔަފާރި އުޅަނދުފަހަރަށް އޮތް ބޮޑު ނުރައްކަލެކެވެ.
މި ހަމަލާތަކުގެ ނުރައްކާ ހަމައެކަނި ތެޔޮ އުފުލާ ބޯޓުތަކަށް އެކަނި މަހްދޫދުނުވެ، މުދަލާއި ރޯ މެޓީރިއަލް އުފުލާ ކޮންޓޭނާ ބޯޓުތަކަށް ވެސް ފޯރަމުންދާތީ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ސަޕްލައި ޗޭނަށާއި ދަތުރުފަތުރުގެ ތާވަލުތަކަށް ބުރޫއަރައި، މުދާ އުފުލުމުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި ޙާލަތުގެ ނޭދެވޭ އަސަރު މާކެޓުން މިހާރުވެސް ދަނީ ފެންނަމުންނެވެ. އޮކްޓޫބަރު 16 ގައި ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި، އޮމާން ކަނޑުން ޗައިނާއަށް ސާފުނުކުރާ ތެޔޮ އުފުލާ ބޮޑެތި ބޯޓުފަހަރުގެ ފްރައިޓް ރޭޓްތައް ވޯލްޑްސްކޭލް އިންޑެކްސްގައި 841 އިން 776 އަށް ދަށްވި ނަމަވެސް، ސަރަޙައްދީ ނުތަނަވަސްކަމާ ހުރެ މި ރޭޓްތައް އަދިވެސް ހުރީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
ޝިޕިންގ ޚަރަދުތައް މައްޗަށް ދިއުމަކީ ހަކަތަ އުފައްދާ ކުންފުނިތަކަށާއި، މުދާ އެތެރެކުރާ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް ވެސް ބޮޑު މާލީ ބުރައަކަށް ވާނެ ކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އިންފްލޭޝަންގެ ޕްރެޝަރު ބޮޑުވެ، އޭގެ ގެއްލުން ސީދާ އާންމު ކޮންސިއުމަރުންނަށް ފޯރާނެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ފެންމަތިވި މި ހާދިސާތަކަކީ، ބޭރުން ތެލާއި ގޭސް އެތެރެކުރާ ޤައުމުތަކަށާއި މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެކެވެ.