ޖަރުމަނުގެ ފްރެންކްފާޓުން ފުރައިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް، ހައިޖެކްކުރަން އުޅޭކަމުގެ އިންޒާރަކާ ގުޅިގެން މިއަދު ކުއްލި ހާލަތުގައި ޖައިޕޫރަށް ޑައިވާޓްކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި،” އޭއައި2030 “ނަންބަރު މި ފްލައިޓް ޖައިޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 9:45 ހާއިރުއެވެ. އަދި ބޯއިންގް 787-9 މަރުކާގެ މި ބޯޓު ރަންވޭގައި ޖެއްސުމާއެކު، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވަގުތުން ވަނީ އެއާޕޯޓުގެ އެކަހެރި ބަޔަކަށް ބަދަލުކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، ބޯޓު މުމްބާއީގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް، ބޯޓެއް ހައިޖެކްކުރުން ނުވަތަ އެފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެކަން އަންގައިދިނުމަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ” ސްކުއޯކް 7500 “އެމަޖެންސީ ކޯޑު ޕައިލެޓް ފޮނުވުމާ ގުޅިގެންނެވެ. މި އެލާޓް ސިގްނަލް އެންމެ ފުރަތަމަ ލިބިފައިވަނީ އަހުމަދުއާބާދުގެ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަށެވެ.
ބޯޓު ޖެއްސުމާއެކު، އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް( ސީއައިއެސްއެފް )އާއި ފުލުހުންގެ އިތުރުން ބޮމްބް ޑިސްޕޯސަލް ސްކޮޑުން ވަނީ ހަރަކާތްތެރިވެ، މުޅި ބޯޓާއި ފަސިންޖަރުންގެ ލަގެޖުތައް ފުރިހަމައަށް ޗެކްކޮށްފައެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ވަނީ އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާއެކު ބޯޓުން ބާލައި، އެއާޕޯޓް ޓާމިނަލްގެ ހާއްސަ ސަރަހައްދަކަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.