ހަނގުރާމަތަކާއި ގުދުރަތީ ކާރިސާތަކުގެ އިތުރުން ދިމާވެދާނެ ކުއްލި ނުރައްކާތަކަށް ގައުމު ފުރިހަމައަށް ތައްޔާރުކުރުމުގެ ގޮތުން، ތުރުކީވިލާތުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ރައްކާތެރި ހިޔާވަހިތައް (ޝެލްޓަރުތައް) ވަރުގަދަކުރުމަށް އައު ގަވާއިދުތަކަކަށް އަމަލުކުރަން ފަށައިފިއެވެ.
ތުރުކީވިލާތުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖުން ހާމަކޮށްފައިވާ ގޮތުގައި، އިސްލާހުކުރެވުނު އައު ގަވާއިދުތަކަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ގަވާއިދުގެ ދަށުން ވަކި ބާވަތްތަކެއްގެ އިމާރާތްތަކުގައި ޝެލްޓަރު ގާއިމުކުރުން ލާޒިމުކޮށްފައިވާއިރު، މިހާރު ހުރި ތަންތަނުގެ ފެންވަރު މަތިކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
އަލަށް އެކުލަވާލި ގަވާއިދު ބަޔާންކުރާ ގޮތުގައި އަލަށް ބިނާކުރާ މީހުން ދިރިއުޅޭ ބޮޑެތި އިމާރާތްތަކާއި، އެކޮމޮޑޭޝަން ފެސިލިޓީތަކާއި، ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް އަދި ސިނާއީ ވަސީލަތްތަކުގައި ޝެލްޓަރުތައް ހުންނަންޖެހޭނެއެވެ. މީގެއިތުރުން މިހާރު ބޭނުންކުރަމުންދާ ޝެލްޓަރުތައް ބަލައި ފާސްކޮށް، އައު މިންގަނޑުތަކަށް އެތަންތަން ފެއްތުމަށްވެސް ވަނީ ނިންމާފައެވެ.
މި ޕްލޭނުގެ ދަށުން، ކުއްލި ހާލަތްތަކުގައި އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މެޓްރޯ ޓަނަލްތަކާއި ބިމުގެ އަޑީގައިވާ ރޭލްވޭ ސްޓޭޝަންތައް ތައްޔާރުކުރުން ހިމެނެއެވެ. އަދި ވަކި ޝަރުތުތަކެއް ފުރިހަމަވާ ޝޮޕިންގ މޯލްތަކުގެ ބިމުގެ އަޑީގެ ޕާކިންގ ސަރަހައްދުތަކާއި އެހެނިހެން ޕާކިންގ އޭރިއާތައް ވެސް މި އައު އުސޫލުތަކާ އެއްގޮތަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާންމު ރައްކާތެރިކަމުގެ ޝެލްޓަރުތައް ޕްލޭންކުރުމާއި، ބޭނުންތައް ދެނެގަތުމުގެ އިތުރުން އެކަށީގެންވާ ތަންތަން ކަނޑައެޅުމުގެ އެންމެހައި ކަންކަން ވިލަރެސްކުރަމުން ގެންދާނީ ތުރުކީގެ ޑިޒާސްޓަރ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ އިންނެވެ.
މީގެއިތުރުން، މި އައު ގަވާއިދުގެ ދަށުން ޝެލްޓަރުތަކަކީ ފަސޭހައިން ވަދެނުކުމެވޭ، މުވާސަލާތީ ޚިދުމަތް ފުރިހަމައަށް ލިބޭ އަދި ކުއްލި ހާލަތްތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ތަންތަންކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ މިންގަނޑުތަކެއް ވަނީ އެކަށައަޅާފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ތުރުކީވިލާތުގެ ޝެލްޓަރު ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެހެންނަމަވެސް ކަމާބެހޭ އިދާރާތަކުން ފާހަގަކުރާ ގޮތުގައި މިއީ ގައުމީ ފެންވަރުގައި އަލަށް އިމާރާތްކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށްވުރެ ބޮޑަށް، ގަވާއިދުތަކާއި ދުރާލާ ވާންޖެހޭ ތައްޔާރީތައް ހަރުދަނާކުރުމަށް އެކުލަވާލެވިފައިވާ ހާއްސަ ޕްރޮގްރާމެކެވެ.